Monday, November 2
އައިއެމްސީޓީސީން ވާޢިޡުންނާއި އިމާމުންނަށް ހިންގި ތަމްރީނު ޕްރޮގުރާމު ނިންމާލައިފި

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އިން ރާއްޖޭގައި ކުރިއަށްގެންދިޔަ ވާޢިޡުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގުރާމު ނިންމާލައިފިއެވެ. މި ޕްރޮގުރާމަކީ ނިރުބަވެރިކަމާއި ހަރުކަށި ހައްދުފަހަނައެޅި ފިކުރުތަކުން މުޖުތަމައު ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކާއި ހުނަރުތައް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގުނު ޕްރޮގުރާމެކެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގުރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ އިމާމުންނާއި ވާޢިޡުން ބައިވެރިވެވަޑައިގެންނެވިއެވެ. މޭ މަހުގެ 4 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އިސްތިރާޖީ ޕްރޮގުރާމަކީ އައިއެމްސީޓީސީގެ ވަސާތާ ޕްރޮގުރާމުގެ ދަށުން ހިންގުނު ހަރަކާތެކެވެ.

މި ޕްރޮގުރާމު ނިންމާލުމުގެ ރަސްމިއްޔާތުގައި ގައުމީ ދިފާއީ ބާރުގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ މަންދޫބުންނާއި މަތީ ފަންތީގެ މަސްއޫލުވެރިންނާއި މުހިންމު ސްޓޭކްހޯލްޑަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރޮގުރާމުގެ ބައިވެރިން ފާހަގަކުރެއްވި ގޮތުގައި މި ތަމްރީނު ޕްރޮގުރާމުގެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ހަމަޖެހިފައެވެ. އަދި އެކި ކިލާސްތަކުގައި ފޯރުކޮށްދެވުނު މަޢުލޫމާތުތައް ވަނީ ވަރަށް މުއްސަނދި އަދި މުހިންމު މަޢުލޫމާތުތަކަކަށް ވެފައެވެ. މީގެ ތެރޭގައި ޓެރަރިޒަމްއަށް ހިތްވަރުދޭ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތާއި، މުޖުތަމަޢާއެކު ރަނގަޅު ގޮތުގައި މުވާސަލާތުކުރާނެ ގޮތުގެ އިތުރުން، ވާހަކަދެއްކުމުގެ ހުނަރުތަކާއި ދީނީ ވާހަކަތައް ދެއްކުމުގައި މެދުމިންގަނޑު ހިފެހެއްޓޭނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ.

މި ޕްރޮގުރާމަކީ އައިއެމްސީޓީސީގައި ބައިވެރިވާ ދައުލަތްތަކުގެ މެދުގައި އެކުވެރި އިސްތިރާޖީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ އިލްމު ބަދަލުކުރުމުގެ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ޕްރޮގުރާމެކެވެ. މިފަދަ ޕްރޮގުރާމުތަކުގެ އަނެއް މުހިންމު މަޤްޞަދަކީ ހައްދުފަހަނައަޅާފައިވާ ވިސްނުންތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލައި، އެކަންކަމަށް ހައްލު ހޯދުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން ޤައުމުތަކުގައި ބިނާކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު