މޯލްޑިވްސް 2.0 ޕްރޮގްރާމަކީ އީ-ވޯޓިން ތައާރަފްކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި، އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ނައްތާލުމާއި، ހަރަދު ކުޑަކުރުމާއި، ހިދުމަތްތައް އަވަސްކުރުމާއި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު ޑރ. އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުން އިހުސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އަދި ރޭ ބޭއްވި މޯލްޑިވްސް 2.0 ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވެސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ އީ-ވޯޓިން ފިޔަވައި އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ހިދުމަތެއް ދިވެހިރާއްޖޭގައި ވެސް ދޭންވާނެކަން ކަމަށެވެ.
"މިކަމުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލުމެވެ. ހަރަދު ކުޑަކުރުމެވެ. ހިދުމަތްތައް އަވަސްކުރުމެވެ. ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. އީ-ވޯޓިންގއެއް ނޫނެވެ،" އިހުސާން ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 އަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމުގެ ދަށުން ސަރުކާރުގެ ގިނަ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަވަސްވެ، ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އިހުސާން އިތުރަށް ވިދާޅުވެފައިވަނީ ބައެއް ކަންކަމަކީ ގައުމަށް ޓަކައި ސިޔާސީ ދެބަސްވުން އެއްކިބާކުރަންޖެހޭ ކަންކަން ކަމަށާއި، މޯލްޑިވްސް 2.0 އަކީ އެފަދަ ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމު ކާމިޔާބުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން