ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޑަކުދިންނަށް ޚާއްސަ ޑެބިޓް ކާޑެއް ތަޢާރަފުކޮށްފިއެވެ. މި ކާޑު ތަޢާރަފުކޮށްފައިވަނީ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
ބީއެމްއެލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ކާޑަކީ 7 އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ ކާޑެކެވެ. މި ކާޑުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމެވެ. ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެއެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބޭންކުން ވިދާޅުވިއެވެ. އަދި މި ކާޑު ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުޢާމަލާތްކުރެވޭނެއެވެ. ޚާއްޞަ ކަމެއްގެ ގޮތުން، ދަރިވަރުން މި ކާޑުން ކުރާ މުޢާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.
"އަނެއްކާވެސް ރާއްޖެއަށް މުޅިން އަލަށް ޚިދުމަތެއް ތަޢާރަފްކުރެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" މިހެން ވިދާޅުވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ބީއެމްއެލް ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން، ފުރާވަރަށް އެރުމުގެ ކުރިން ދަރިވަރުންނަށް ހަރުދަނާކަމާއި ޒިންމާދާރުކަމާއެކު ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށް" ކަމަށެވެ.
މި ކާޑު ފަރުމާކޮށްފައިވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެން ދެ ޑިޒައިނަކަށެވެ. އެއީ 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށާއި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. ބެލެނިވެރިންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅޭނެއެވެ. އަދި ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުޢާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަރކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފޮނުވާނެ ކަމަށް ބޭންކުން މަޢުލޫމާތު ދެއްވިއެވެ.
މި ލިޔުން ކިޔާލުމުން