Saturday, October 31
މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމަނަން ސައުދީން ނިންމައިފި

ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ފަށާފައިވާ މައްކާ ރޫޓް އިނިޝިއޭޓިވްގަައި ރާއްޖެ ހިމެނުމަށް އެ ގައުމުން ނިންމާފައިވާކަމަށާއި، އެކަމުގެ ސަބަބުން ހައްޖުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި ޑރ.ޝަހީމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްކާ އިނިޝިއޭޓިވްގައި ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެގެން ފުރިހަމަކުރުމަށްފަހު ހައްޖަށް ފުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

ޝަހީމު ވިދާޅުވީ  އެގޮތަށް އިމިގްރޭޝަނާ ގުޅޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ފުރިހަމަކުރުމަށްފަހު ހައްޖަށް ދެވުމުން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ހޮޓަލަށް ދިވެހި ހައްޖުވެރިންނަށް ދެވުން ކަމަށެވެ. އަދި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަންވެސް ފަސޭހަވާނެ ކަމަށާއި، ލަގެޖުތައްވެސް ސީދާ ހޮޓަލަށް ގެންދެވޭނެ ކަމުގައި ޝަހީމު ވިދާޅުވިއެވެ.

" މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެންދިޔަ ތާރީޚީ ވަރަށް ބޮޑު ފަސޭހައެއް. ސަޢޫދީ އަރަބިއްޔާއިން މި ފުރުޞަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށް. ރާއްޖެއަށް މި ފުރުޞަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާ އިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް،" ޝަހީމު ވިދާޅުވިއެވެ.

ޑރ.ޝަހީމުވަނީ މި ފުރުސަަތު ދިވެހިރާއްޖެއަށް ފަހިކޮށްދެއްވީތީ ސަައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީޢަހުދު އަލްއަމީރު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފއެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރ ޑރ.ތައުފީޤު ރަބީޢާއާއި އިންޓީރިއާ މިނިސްޓަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސުޢޫދު އާލްސަޢޫދަށްވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު