ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އިން އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. މިގޮތުން އެސްޓީއޯ އިން ވަނީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑާ އެކު ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން، އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ތެރެއިން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެކެވެ.
އެސްޓީއޯގެ ފަރާތުން މަޢުލޫމާތުދިން ގޮތުގައި، ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. އަދި މިހާރު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފައިވާއިރު، އެޗްއެލްއެލް އާއެކު މި އައު ޕާޓްނަރޝިޕްގެ މަޤްސަދަކީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
އެސްޓީއޯއިން އިތުރަށް ފާހަގަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެތެރެކުރެވޭ ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއު އެޗް އޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ. މި ޕާޓްނަރޝިޕް ބިނާވެފައިވަނީ ކާމިޔާބު އެއްބާރުލުމުގެ ތާރީޚެއްގެ މައްޗަށެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، އެޗްއެލްއެލް ލައިފްކެއަރ އިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރުހުރި އަދި ވަގުތަށް ޚިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވެއެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި އެޗްއެލްއެލް އާއެކު ޕާޓްނަރޝިޕް ހެދުމުން، ރާއްޖެ މި ކަނެކްޓްކުރެވުނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާއެވެ.
މި ލިޔުން ކިޔާލުމުން