Thursday, November 12
ސެންޓްރަލް ޕްރިޒަން: ސަރަހައްދުގައި ހެދޭ އެންމެ ބޮޑު އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ޖަލަށްވާނެ: ރައީސް

އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޕްރިޒަން ވެގެންދާނީ މި ސަރަހައްދުގައި ހެދޭ އެންމެ ބޮޑު، އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ޖަލަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިޔަށްގެންދަވާ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެތަނުގެ ހުރިހާ ކަމެއް ހުންނާނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ މޮޑެލްއެއްގެ ތެރެއިން އެ މަސައްކަތްކޮށް އިންވެސްޓް ކުރާނެ ފަރާތެއް ހޯދުމުގެ މަރުހަލާ ކަމަށެވެ. އަދި އެއީ ދުރު ރާސްތާގެ ހައްލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް މިންގަނޑުތަކަށް ހުރިހާ ކަމެއް ހުންނާނެ. އެހެންވީމަ މީހުން ތިބޭ ހާލަތުވެސް ރަނގަޅުވާނެ. އިންޓަނޭޝަނަލް ކޮންވެންޝަންތަކާ ހުރިހާ އެއްޗަކަށް ފިޓުވާ ގޮތަށް ހުންނަ ވަރަށް ފެންވަރު ރަނގަޅު ތަނަކަށް ވާނެ "  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ވިދާޅުވެފައެވެ.

ސެންޓްރަލް ޖަލު އިމާރާތްކޮށް އެތަނަށް ކުށްވެރިން ބަދަލުކުރެވުމުން، ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުން ކޮންޓްރޯލް ވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު