ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރެވުނު ޝަމްއާން ވަހީދުގެ ބަންދު މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރީލް 9 ވަނަ ދުވަހު އެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ޝަމްއާންގެ 15 ދުވަހުގެ ބަންދާއި، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ.
ޝަމްއާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި، އޭނާގެ މައްޗަށް ހިންގާ ތަހުގީގުގައި އޭސީސީގެ ދައުރެއް ނެތުމާއި، ފުލުހުންގެ މުއައްސަސާއިން އެކަނި ތަހުގީގު ކުރުމަކީ ޖިނާއީ އިޖުރާއާތާ ހިލާފު ކަމެއް ކަމަށް ބުނެ، ބަންދުގެ މުއްދަތު މުރާޖައާކުރުމަށް އެދުނެވެ. ނަމަވެސް ހައިކޯޓުން ނިންމީ އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.
ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރުކުރީ މާރިޗު 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރީ މާރިޗު 22 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ޝަމްއާން ދިރިއުޅުނު އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ. އެގޮތުން އޭނާ ދިރިއުޅުނު ތަނުން 257,475 ރުފިޔާ އާއި 10,000 ޑޮލަރު ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ
މި ލިޔުން ކިޔާލުމުން