Monday, November 2
ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ވާނުވާ ބަންދުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ވަކާލާތުކުރައްވާ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ވާނުވާ ބަންދުގެ މައްސަލަ ޙައްލުކުރުމަށް ކުރިން ސަރުކާރުތަކަށްވުރެ ބޮޑަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި މި މަސައްކަތުން ރަނގަޅު ނަތީޖާއެއް ފެނިދާނެކަމުގެ އުންމީދު އެބޭފުޅުން ފާޅުކުރެއްވިއެވެ.

ވަކާލާތުކުރައްވާ ބޭފުޅުން ހުށަހެޅުއްވި ޚިޔާލުތަކުގެ ތެރޭގައި ވާނުވާ ބަންދުގައި ތިބޭ މީހުން މޮނިޓަރކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ޤާއިމުކޮށް، އެއް ފުރުޞަތު ދިނުމާއި، މިފަދަ މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ހިމެނެއެވެ. އަދި އިސްލާމްދީނުގައި އިންސާނީ ކަރާމާތާއި އަދުލުވެރިކަމަށް ދެއްވާފައިވާ އަހައްމިއްޔަތުކަންވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަމަށެވެ. އަދި މޮނިޓަރކުރެވޭ ނިޒާމެއްގެ ދަށުން އެއް ފުރުޞަތު ދިނުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލާ މަޝްވަރާކުރައްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ވަގުތީ ގޮތުން މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބައްދަލުވުމުގައި ވަކާލާތުކުރައްވާ ބޭފުޅުން ވަނީ ވާނުވާ ބަންދުގެ މައްސަލައަށް އަވަސް ޙައްލުތަކެއް ހުށަހަޅުއްވާފައިވާ ކަރުދާހެއްވެސް ރައީސަށް އަރުވާފައެވެ. މި ކަރުދާހުގައި ވާނުވާ ބަންދާ ގުޅޭ ތަފާސްހިސާބުތަކާއި އެކި މައްސަލަތަކުގެ މަޢުލޫމާތު ހިމެނިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު