ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ތަމްރީނު ހަދަމުންދަނިކޮށް ހާލު ހާލު ދެރަވި ޒުވާނާ ނިޔާވެއްޖެ އެވެ.
މިއަދު ހެނދުނު ފުލުހުން ބުނީީ މި ޒުވާން ރެކްރޫޓުގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ވާހަކައެވެ. ޒުވާނާ ނިޔާވި ކަމަށް އައިޖީއެމްއެޗުން ބުނީ ކުޑައިރުކޮޅެއް ކުރިންނެވެ. އައިޖީއެމްްއެޗް އޮފިޝަލު ބުނީ ފުލުހުންގެ އެޒުވާނާ ހަވީރު 4:40 ހާއިރު ނިޔާވެފައިވާ ކަމަށެވެ. (އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން،)
34 އަހަރުގެ ރެކްރޫޓް، ޕޮލިސް ކޮންސްޓަބްލް މަރްޙޫމް ޙުސައިން ގާއިސް އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ރެކްރޫޓެކެވެ. އޭނާ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ފަތިހު 4:21 ހާއިރު ދަރިވަރުންނަށް ގޮވަމުން ދިޔައިރު މަރްޙޫމް ޙުސައިން ގާއިސްގެ ޚަބަރެއް ނެތްކަން ފާހަގަވެ، އަވަސް ފަރުވާ ދިނުމަށްފަހު ދ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އެ ދުވަހުގެ 13:22 ގައި އެއާ އެމްބިއުލާންސްގައި އޭނާ ވަނީ މާލެ ގެނެވިފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަރްޙޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ތަޢުޒިޔާ ރައްދުކޮށްފައިވެއެވެ. އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަޙްޤީޤެއް ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި އިތުރު މަޢުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން