Monday, November 9
ޓެކްސީ ލައިނާއެކު، ޓެކްސީ ޑްރައިވަރުންނަށް ގެއްލުމެއް ނެތް: އަމީން
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތުގެ ސަބަބުން ޓެކްސީ ކުރާ އަމިއްލަ ފަރާތްތަކުންދޭ ޚިދުމަތަށް އެއްވެސް ހުރަހެއްނެތްކަމަށާއި، އެފަރާތްތަކަށް ގެއްލުން ނުވާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު އަމީން މިހެން ވިދާޅުވީ، އެކަމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މާލޭގައި ބަހުގެ ޚިދުމަތް ފަށަން އުޅުމުންވެސް ޓްކްސީ ޑްރައިވަރުން މައްސަލަޖެއްސި ކަމަށާއި އެހެން ނަމަވެސް އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބެމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވަނީ ސަރުކާރުން ޓެކްސީ ލައިން ފެށި ނަމަވެސް ޑްރައިވަރުންނަށް އެކަމުން އެއްވެސް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ވަޒީރު އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަންނަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ، ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއްގެ ގޮތުގައި ޓެކްސީ ޚިދުމަތް މިހާރު ލިބެމުން ނުދާތީކަމަށާއި، ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިނާއެކު، ނަމޫނާ ޓެކްސީގެ ޚިދުމަތެއް ފެނިގެންދާނެކަމަށެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު ޚާއްސަކޮށް މާލޭގައި ޓެކްސީ ފަންސަވީހަކަށް އަހަރުވެގެންދިޔައިރު، ޓެކްސީ ނުލިބޭ މައްސަލައާއި ރައްޔިތުން ބޭނުންވާފަދަ އެކަށީގެންވާ ޚިދުމަތެއް ނުލިބުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަބަދުވެސް ޒުވާރާއަށް ލިބެމުންދާކަމަށެވެ.

އަމީން ވިދާޅުވީ ފެންނަ އޮތް ހަގީގަތަކީ މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ބޭނުންވެފައި އޮތް މިންވަރު ކަމަށާއި ޓެކްސީ ނުލިބޭ މައްސަލައިގެ ޝަކުވާ މިނިސްޓްރީއަށް ވަރަށް ގިނައިން ލިބޭ ކަމަށެވެ. ހާއްސަކޮށް މާލޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދިޔުމަށް ޓެކްސީ ހޯދަން ވަރަށް އުނދަގޫ ކަމަށް ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހުރި ހާލަތަށް ބަލާއިރު، އެކި ސައިޒުގެ ޓެކްސީތައް ބޭނުންވާ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިނުގައި އެކި ސައިޒުތަކުގެ ޓެކްސީ ހުންނާނެ ކަމަށް އަމީން ވިދާޅުވި އެވެ. އެއީ މާލޭގެ ވަރަށް ހަނި މަގުތަކަށް ވެސް ވަދެވޭނެ ގޮތް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ހުޅުމާލެއަށާއި އެއާޕޯޓަށް ވެސް ދަތުރު ކުރެވޭނެ ސައިޒުތައް ހިމެނިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު