Thursday, November 12
ތަސައްވުރަކީ އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ރާއްޖެ ހެދުން: ރައީސް
މި ސަރުކާރުގެ ތަސައްވުރަކީ ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުން ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ގެ މި ތަސައްވުރު ހިއްސާކުރައްވާފައިވަނީ، ބުދަ ދުވަހު ބޭއްވި، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ ޚިޔާލު އުފަންވެފައިވަނީ ކުރިއަށް އޮތް ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީއިން ކަމުގައެވެ. އަދި މިއަދު އިފްތިތާޙުކުރި އިނީޝިއެޓިވްއަކީ، ޤައުމީ ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި އިތުރު ފިޔަވަޅެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިންގެ ޝަޚްޞު ބިނާވެފައިވަނީ އޯގާތެރިކަމާއި، ޢަދުލުވެރިކަމާއި، އިޖުތިމާޢީ ހަމަހަމަކަން ފަދަ ދިރުންހުރި ގިޔަމުތަކުގެ މަތީގައިކަން ފާހަގަކުރައްވާ، މި އިނީޝިއެޓިވުން ނަގަހައްޓަން އުންމީދުކުރައްވާ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އަމާޒަކީ ރާއްޖޭގައި ކާމިޔާބު ފައިނޭންޝަލް ސެންޓަރެއް ގާއިމުކޮށް، އެ ސެންޓަރުގެ ތެރެއިން އިސްލާމިކް ފައިނޭންސް ފުޅާކުރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އެދެނީ މި އިނީޝިއޭޓިވްއަކީ ހަމައެކަނި ޕްރޮގްރާމެއްގެ ގޮތުގައި ނުދެކި، އެއްބައިވަންތަކަމާ އެކު އަމަލުކުރަން ޖެހޭ ގޮވާލުމެއްގެ ގޮތުގައި ދެކެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ނޭޝަނަލް މާސްޓަރ ޕްލޭން އެންޑް ރޯޑްމެޕް ފޯ އިސްލާމިކް އިކޮނޮމީޒް އެންޑް ފައިނޭންސް އެކުލަވާލުމުގެ މަސައްކަތް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއެކު ކުރިއަށްދާކަން އިޢުލާންކުރައްވަމުންނެވެ. ދިވެހިރާއްޖޭގައި ޤާއިމުކުރާ، އިސްލާމިކް ފައިނޭންސް އާއި ޑިޖިޓަލް އިނޮވޭޝަންގެ ޝާމިލު ވެށި، މި މާސްޓަރ ޕްލޭނުން އަންގައިދޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ ޤާނޫނީ އެއްބާރުލުންދިނުމުގެ ގޮތުން ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްލާމިކް ސޯޝަލް ފައިނޭންސް ދިރާސާ ރިޕޯޓުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން އެމަނިކުފާނަށް ވަނީ "ކޮމިޓްމަންޓް ލެޓަރ" އަރުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު