މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ފުރަތަމަ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމް ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްދާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފިއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭ ހަރަކާތްތަކުގެ ތެރެއިން އެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމެވެ.
ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ޕްރޮގްރާމް ކުރިއަށްދާނީ އޭޕްރީލް 26 އިން މެއި 8 ގެ ނިޔަލަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 15 ބައިވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށާއި، މި އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ދެވަނަ ކޯހެއް ކުރިއަށްދާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.
މި ޕްރޮގްރާމްގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނައާއި ހުއިފިލަނޑާ އަދި ދިވެހި މާގަނޑުމަސް ވިއްސައި ބޮޑުކުރުމުގެ އިތުރުން، އިތާމުތް އާލާކުރުމާއި، ބަލިތަކުން ރައްކާތެރިވުމާއި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމު މަޢުލޫމާތު ހިމެނެއެވެ.
ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 8 މެއި 2025 ވާ ބުރާސްފަތި ދުވަހު ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން