Saturday, October 31
ސަޢުދީ-ރާއްޖެ އިންޓެގްރިޓީ ފޯރަމް ފަށައިފި

''ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފޯރަމް މިއަދު ފަށައިފިއެވެ.

ވިލާ ނޯޓިކާގައި ބާއްވާ "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނާއިބް ރައީސް ހުސައިން މުހައްމަދު ލަތީފުއެވެ.

މިއީ ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އާއި ސަޢުދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ، (ނަޒާހާ) ގުޅިގެން ބާއްވާ ޚާއްސަ ފޯރަމެކެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މިއަދު ފެށިގެން މިދާ ފޯރަމަކީ، ބައިނަލްއަޤްވާމީ އިދާރާތަކާއި ވުޒާރާތައް ގުޅިިގެން ކުރިއަށްގެންދާ މުހިންމު ފޯރަމެއްކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރާ މަސައްކަތްތަކުގައި ނަތީޖާ ނެރެވޭނީ ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ޝާމިލުވުންވެސް ލިބިގެންކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާ އެންޓި ކޮރަޕްޝަން އޮތޯރިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފަށް ވަނީ ޚާއްސަ ޓޯކަން އޮފް އެޕްރިސިއޭޝަނެއް އަރުވާފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފޯރަމްގެ ތީމެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސްޓްރެންތެނިންގ އިންޓަގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" ނުވަތަ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.

މި ފޯރަމްގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުންނާއި، ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، ބައިނަލްއަޤްވާމީ އިދާރާތައް ހިމެނޭހެން 170 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު