ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުޤުވެރިކަން ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އުމް އަލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ ހިޒް ހައިނަސް ޝައިޚް ޢަބްދުﷲ ބިން ރާޝިދު އަލްމުޢައްލާ ފާޅުކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އުމް އަލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ ހިޒް ހައިނަސް ޝައިޚް ޢަބްދުﷲ ބިން ރާޝިދު އަލްމުޢައްލާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ކުރެއްވި މަޝްވަރާގައެވެ.
ދެ ބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ވުނަކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމާއި، ދަނޑުވެރިކަން ކުރިއަރުވައި، ދިގުމުއްދަތުގައި ހަމަޖެހުމާއި ތަރައްޤީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުންދެއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުޤުވެރިކަން އެބަހުރިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ދެ ބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ވެވުނު އެއްބަސްވުމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެ ފަރާތުން އެކުގައި މަސައްކަތްކޮށް އެއްބާރުލުންދިނުން އިތުރުކުރުމުގެ ޢަޒުމުގައި ދެ ބޭފުޅުންވެސް ތިއްބެވިކަން ހާމަކުރައްވަމުންނެވެ.

ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން، ވެސް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސެންޓަރ (އެމް.އައި. އެފް. ސީ) ވެގެންދާނީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައި އެއް ތަނބަށްކަމުގައި ވިދާޅުވިއެވެ. ދިވެހިރާއްޖެއާއި ސަޢޫދީޢަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާއި އެމް. ބީ. އެސް ގްލޯބަލް އިންވެސްޓްމަންޓްސްއާދެމެދު ވެވުނު އެމް. އައި. އެފް. ސީ އުފެއްދުމުގެ ޖޮއިންޓް ވެންޗަރ އެގްރީމަންޓާއި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެވަޑައިގަތުމުން، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ.
ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސަޢޫދީ ޢަރަބިއްޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ދެޤައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ތަޢުރީފުކުރައްވައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ފާޅުކުރެއްވިއެވެ.
މި އިޙްތިރާމުގެ ޒިޔާރަތް ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާގެ ގުޅުން ކުރިމަގުގައި އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
މި ލިޔުން ކިޔާލުމުން