ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާއި ގުޅުންހުރި ކަމެއް ނޫން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިގޮތުން އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ދިވެހިރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމުން ގުޅިގެން އިމާމުންނާއި ޢިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާއި ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މި ފިކުރީ ބަލިމަޑުކަމަށް އޮތް ހަޤީޤީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުން ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ޓެރެރިޒަމާއި ހަރުކަށި ފިކުރާއި ގުޅޭ ޞައްޙަ ތަފްސީލީ މަޢުލޫމާތު ޚިއްސާ ކުރުމަށް ބޭއްވޭ މި ފޯރަމްއަކީ ވަރަށް މުހިންމު ފޯރަމެއް ކަމަށާއި އިސްލާމްދީން އަންގަވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާވެސް ހެޔޮކޮށް، ރަޙުމަތްތެރިކަމާއި އިންސާފުވެރިކަމާއެކު މުޢާމަލާތް ކުރުމަށް ކަމަށެވެ.
ވަޒީރު ވިދާޅުވީ ޖިހާދާއި ޓެރަރިޒަމާ ހުރި ތަފާތު އެނގެން ޖެހޭނެ ކަމަށާއި، ޝަރީޢަތުގައި ޖިހާދަށް ވަކި އުޞޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އެކަން ވަކިވަކި ފަރުދުންގެ އަތް މައްޗަކަށް ދޫކޮށްފައެއް ނުވާ ކަމަށެވެ.
"އެހެނަސް، އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެކެވެ. ޖިހާދުގެ ޙިކުމަތަކީ ޤައުމާއި އޭގެ ރައްޔިތުން ރައްކާތެރިކުރުމެވެ. އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއްވެސް މަނާކުރައްވާފައިވޭ"، ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ ވާހަކަފުޅުގައި ވަނީ އިސްލާމީ އުއްމަތް ޓެރެރިޒަމްއާއި ހަރުކަށި ފިކުރު ފަދަ ފިކުރުތަކުން ސަލާމަތް ކުރުމަށް ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ ކުރައްވާ މުހިއްމު މަސައްކަތްޕުޅު ފާހަގަ ކުރައްވާ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިިން ސަލްމާންއަށް ޝުކުރު އަދާ ކުރައްވާފައެވެ.
އަދި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސް ނަގައިގެން މިފަދަ ފިކުރުތަކާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމަށާއި، ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާ ގުޅިގެން މިކަމުގައި މުހިއްމު މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން