Monday, November 2
އެމްއައިއެފްސީއަކީ ރާއްޖެއަށާއި ރައްޔިތުން ބާރުވެރިކުރުވާނެ ފަދަ ގައުމީ ވައުދެއް

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) އަކީ ރާއްޖެއަށާއި ރައްޔިތުންނަށް ފަޚުރުވެރިކަން ހޯދައިދީ ބާރުވެރިކުރުވާނެ ފަދަ ޤައުމީ ވަޢުދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވުނު އެމްއައިއެފްސީގެ ރަސްމީ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމްއައިއެފްސީއަކީ ހަމައެކަނި އިމާރާތްތަކެއްގެ މަޝްރޫޢެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ސަރަޙައްދުތަކުން ބޭރަށް ފުޅާކުރުމުގެ ވަޢުދެއް ކަމަށާއި، ރައްޔިތުންނަށް އިތުރު ފުރުޞަތުތަކާއި ކެރުންތެރިކަމާއި ފަޚުރުވެރިކަން ހޯދައިދިނުމުގެ ވަޢުދެއް ކަމަށެވެ.

"މިއީ އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް. އަދި ޤައުމީ މަޤްޞަދެއް ޙާޞިލުކުރުމުގެ ނިޔަތުގައި ކުރެވޭ ކަމެއް. މިރޭ އަޅުގަނޑުމެން މި ފަށަނީ އެމްއައިއެފްސީ ނުވަތަ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރގެ ރަސްމީ މަސައްކަތް، ވިޝަނެއް ޙަޤީޤަތަކަށް ހެދުން. މިއީ ހިތްވަރާއި އައު ގޮތްތަކާއި ބަދަލުތަކުގެ މައްޗަށް ބިނާވެގެންވާ އައު ބާބެއް. އެމްއައިއެފްސީ އަކީ ހަމައެކަނި އިމާރާތްތަކެއްގެ މަޝްރޫޢެއް ނޫން. މިއީ ޤައުމީ ވަޢުދެއް." ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެމްއައިއެފްސީއަކީ ގިނަ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭ އަދި ޤައުމީ ޖީޑީޕީއަށް ދިގު މުއްދަތަކަށް މުހިންމު ހިއްސާއެއް ކުރާނެ މަޝްރޫޢެއް ކަމަށެވެ. އަދި މިއީ އެކި ސިނާޢަތްތަކުގައި ފުރުޞަތުތައް ހުޅުވާލައިދޭނެ ކެޓަލިސްޓެއް ކަމަށާއި، މުޖުތަމަޢުތައް މަތިވެރިކޮށް، އަންނަން އޮތް ޖީލުތަކުގެ ދިވެހިންނަށް މަގުފަހިކޮށްދޭނެ ތަނެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ހަފްލާގައި ރައީސް މުޢިއްޒުގެ އިތުރުން ޝޭހް ނާއިފް ބިން އީދު އަލް ތާނީ އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީއީއޯ، ނަދީމް ހުސައިން، ސަޢޫދީ ޢަރަބިއްޔާގެ އަމީރު ފަހަދު ސަޢޫދު އަލް ޗަލާން، އެންބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ޗެއަރމަން އަލްފާޟިލް މަރުވާން އަލް ހާޖީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު