ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ، މި ދެ ފަނޑިޔާރުން ވަކިކުރަން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު 4 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެފައިވާތީ ކަމަށެވެ.
ޖޭއެސްސީން ވިދާޅުވެފައިވަނީ މި ދެ ފަނޑިޔާރުންގެ ޢަމަލަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ބައެއް މާއްދާތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު ޖޭއެސްސީގެ މި އަހަރުގެ 18 ވަނަ ޖަލްސާގައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ޖޭއެސްސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވެއެވެ. އޭގެ ތެރެއިން ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ މައްސަލަ ބަލަން ފެށުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން