ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) އުފެއްދުމަށް ނިންމައި، ރައީސް މުއިއްޒު އާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ހާޒިރުގައި ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގައި ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުގެ ވިޔަފާރިވެރިން ބައިވެރިވާނެކަން ހާމަކޮށްފައިވެއެވެ.
މާލޭގައި ޤާއިމުކުރެވޭ މި ދެމެހެއްޓެނިވި މާލީ މިނިވަން ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި ޑިޖިޓަލް ސިނާޢަތަށް އަމާޒުކޮށެވެ. މި މަޝްރޫޢުގެ ދަށުން ޓެކްސް ނުދައްކާ ވިޔަފާރިކުރެވޭނެ އަދި ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނޭ ގޮތަށް ބޭންކިންގ އަދި އޮފްޝޯ ޕްރައިވެޓް ބޭންކިންގ ޚިދުމަތްތައް ލިބޭނެއެވެ.
2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢުގެ ސަބަބުން 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ޖީޑީޕީ އިތުރުވެ، 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.
އެމްއައިއެފްސީއަކީ 3،500 މީހުންގެ ޖާގައިގެ ކޮންފަރެންސް ސެންޓަރެއް ހިމެނޭ، ބައިނަލްއަޤްވާމީ ފެންވަރުގެ ޙަރަކާތްތައް ބޭއްވޭނެ މަރުކަޒެކެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ މުހިންމު ބައްދަލުވުންތަކުގެ މަރުކަޒަކަށެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގައި ބައިނަލްއަޤްވާމީ އޮފީސްތަކަށް ޚާއްޞަ ތިން ޓަވަރާއި، ބްރޭންޑެޑް ރެސިޑެންސްތަކާއި، ނަން މަޝްހޫރު ހޮޓާތަކާއި، ރީޓެއިލް ސަރަޙައްދުތަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތަކާއި، އިންޓަރނޭޝަނަލް ސްކޫލެއް ހިމެނެއެވެ. މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ.
މި މަޝްރޫޢުގައި މޫސުމަށް އަންނަ ބަދަލުތަކާ ރަހްމަތްތެރި، ދެމެހެއްޓެނިވި ވަސީލަތްތަކެއް ހިމެނެއެވެ. އިމާރާތްތަކަށް ހަކަތަ ފޯރުކޮށްދެވޭނީ އިއާދަކުރަނިވި ހަކަތައިންނެވެ. އަދި ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ހުންނާނީ ބިމުގެ އަޑީގައެވެ. މީގެ އިތުރުން ކުޅިވަރު ވަސީލަތްތަކާއި، ދުޅަހެޔޮކަމުގެ މަރުކަޒުތަކާއި، ގަސްގަހާގެހި އިންދާފައިވާ ސަރަޙައްދުތައްވެސް ހިމެނެއެވެ.
މި މަޝްރޫޢުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ތަނަވަސްކޮށް، އަންނަން އޮތް ޖީލުތަކަށް ފައިދާކުރާނެ މުހިންމު މަޝްރޫޢެއް ކަމުގައި ސަރުކާރުން ފާހަގަކުރެއެވެ.
މި ލިޔުން ކިޔާލުމުން