Monday, November 2
ދިވެހިރާއްޖެ 2.0 އަކީ މުއައްސަސާތަކަށް އިތުބާރު އިއާދަކޮށްދޭނެ މަޝްރޫއެއް: ރައީސް

ރާއްޖޭގެ ވެރިކަން ހިންގުމާއި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން ޑިޖިޓައިޒްކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހިރާއްޖެ 2.0 މަޝްރޫއަކީ ރައްޔިތުންގެ މެދުގައި ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު އިއާދަކޮށްދޭނެ މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅިދާޅުވެފައިވަނީ މި މަސައްކަތަކީ ޑިޖިޓަލް ފަސްޓް ނުވަތަ ޑިޖިޓަލް ޙައްލުތަކަށް އެންމެ މަތީ އިސްކަމެއް ދޭ ދިވެހިރާއްޖެއެއް ކޮންމެ ރައްޔިތަކަށްޓަކައި، އަދި ކޮންމެ ރަށަކަށްޓަކައި، އަދި އަންނާން ހުރި ހުރިހާ ޖީލުތަކަށްޓަކައި ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ކުރިމަގުގެ ތަޞައްވުރު ކަމަށެވެ.

ދިވެހިރާއްޖެ 2.0 މަޝްރޫއު ބިނާވެފައިވަނީ އަށް މައިގަނޑު ތަނބެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޑިޖިޓަލް އައިޑެންޓިޓީއާއި އިތުބާރުކުރެވޭ މުއާމަލާތްތައް، ހާމަކަންބޮޑުކޮށް މަޢުލޫމާތު ހިއްސާކުރުމާއި ސަރުކާރު ހިންގުން، ޤައުމީ ވިލުންވެރިކަމަށް ސައިބަރ ސެކިއުރިޓީ، އަދި ޑިޖިޓަލް ޚިދުމަތްތަކާއި ސަރުކާރަށް އިތުބާރު ލިބޭނެ ޒަމާނީ ޤާނޫނީ އޮނިގަނޑެކެވެ.

މީގެ އިތުރުން، ރައްކާތެރި ދައުލަތުގެ ޑިޖިޓަލް ބިނާވަޅުތައް، ރައްޔިތުންގެ ނާރެހުގައި އެނބުރޭ އީ-ސަރުކާރުގެ ޚިދުމަތްތައް، ވަކިވަކި ދާއިރާތަކަށް ޑިޖިޓަލް އިންޤިލާބެއް، އަދި އައިސީޓީ ތަރައްޤީކުރުމާއި އީޖާދުތައް ހިމެނެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ވެރިކަމުގެ ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ފަސޭހައިން އަވަހަށް ޚިދުމަތް ލިބޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު