ޕްރޮސިކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއެކު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔަރޑް ޢައްބާސް ޝަރީފާއި، ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވީ މިއީ ދައުލަތުގެ ހެކިންނާއި އަނިޔާގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިކަން ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޤާއިމުކޮށްފައިވާ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް (ޑަބްލިއު.ވީ.އެސް.ޔޫ) ގެ ވަރަށް ރަނގަޅު އިސްނެންގެވުމެއް ކަމަށެވެ.
"މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމާމެދު ޝައްކެއް ނެތް. މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޓީމަށް ޔޫ.އެން.ޑީ.ޕީން ދެއްވި އަގުހުރި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން"، ޕީޖީ ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް، އެންރިކޯ ވިދާޅުވީ ޕީޖީ އޮފީހުން އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މިކުރާ އިންވެސްޓްމަންޓަކީ ޢަދުލު އިންސާފުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ބިންގައް ކަމަށެވެ.
" މި ޕާޓްނަރޝިޕްއަކީ އަޅުގަނޑުމެން ގުޅިގެން މުއައްސަސާގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ނަމޫނާއެއް. އެކަން މި ފަށަނީ އެކަން ކުރިއަށް ގެންދާ މީހުންނާ އެކުގައި"، އެންރިކޯ ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ބުނީ މިއީ އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މުއައްސަސާގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމާއެކު، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވުމަކީ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ޢަދުލު އިންޞާފުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު އިތުރުކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމެއް ކަމަށާއި، ޢާންމުންނަށްދޭ ޚިދުމަތުގައި ވަފާތެރިކަމާ، އަޅާލުމާއި އޯގާތެރިކަމުގެ ރޫޙެއް އާލާވެ، ޖިނާއީ ޢަދުލުގެ ނިޒާމަށް ދިގު މުއްދަތުގެ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން