Monday, November 2
ޓޭންކަރު ގެނައީ ހަނގުރާމަ ކުރާކަށް ނޫން: ރައީސް

ރާއްޖޭގެ އަސްކަރިއްޔާއަށް ބޮޑު އަގުގައި ގެނައި ޓޭންކަރުތަކަކީ ހަނގުރާމައަށް ނިކުތުމުގެ ނިޔަތުގައި ހޯދި އެއްޗެހި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުނުކޮށް، އަޅާނުލެވި އޮންނަތާ 25 އަހަރު ވެއްޖެ ކަމަށެވެ. އަދި އަސްކަރިއްޔާގެ ހާލަތު އޮތީ ލަދުގަންނަންޖެހޭ ހިސާބުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މެރިންކޯއަށް ކެޕޭސިޓީ ބިލްޑުކުރަން މި ފެށީ، އެއްގޮތަކަށްވެސް ޓޭންކަރުތައް ހޯދީ ހަނގުރާމައަށް ނިކުންނާކަށް ނޫން،" ރައީސް ވިދާޅުވިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ރާއްޖެއަށް އަލަށް ފަސް ޓޭންކަރު ވަނީ ދާދި ފަހުން ގެނެސްފައެވެ. މި އުޅަނދުތައް ވަނީ މިދިޔަ މަހު ބޭއްވި ސިފައިންގެ ދުވަހުގެ ރަސްމިއްޔާތުގައި ދައްކާލާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުގެ ޤާބިލުކަން ކޮންމެހެން އިތުރުކުރަންޖެހޭ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު