ދައުލަތުގެ ބަޖެޓުން ސިޔާސީ މުވައްޒަފުންނަށް ހޭދަކުރެވޭނެ އެންމެ ބޮޑު މިންވަރު ގާނޫނެއްގައި ކަނޑައެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން މިއަދު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ގާނޫނަށް ގެނެވޭ އިސްލާހުގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އަދަދު ރައްޔިތުންގެ މަޖިލީހާ ސަރުކާރުން ހިއްސާކުރަންޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. މިއީ ޖަވާބުދާރީވަނިވި ދައުލަތެއް ގާއިމުކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ސިޔާސީ މަގާމުތަކާ ގުޅޭގޮތުން ގެންނަވަން ގަސްދުކުރައްވާ އިސްލާހުތަކުގެ ތެރޭގައި، މުސާރައާއި އިނާޔަތްތަކަށް ހޭދަކުރެވޭނެ ފައިސާގެ އަދަދު ކަނޑައެޅުމާއި، މަގާމުތަކަށް އެންމެ ގިނަވެގެން އައްޔަންކުރެވޭނެ މީހުންގެ އަދަދު މަޖިލީހުން ކަނޑައެޅުން ހިމެނެއެވެ.
އަދި މީގެ އިތުރުން، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އައު އުސޫލެއް ސަރުކާރުން ވަނީ އެކުލަވައިލައްވާފައެވެ. މި އުސޫލުގެ ދަށުން ކޮންމެ ތިން މަހަކުން އެއްފަހަރު މުވައްޒަފުންގެ އެޕްރައިޒަލް ހަދަންޖެހޭނެއެވެ. "މި އުސޫލުގެ ދަށުން ފަރުވާކުޑަކުރާ މުވައްޒަފުން މަގާމުތަކުން ވަކިކުރެވޭނެ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއީ ސިޔާސީ މުވައްޒަފުންގެ މަސައްކަތް ވަޒަންކޮށް، ރަނގަޅަށް މަސައްކަތްނުކުރާ މުވައްޒަފުން އެކަހެރިކުރެވޭ ގޮތަށް އުސޫލެއް ސަރުކާރަކުން އެކުލަވައިލި ފުރަތަމަ ފަހަރެވެ. މި އިސްލާހުތަކަކީ ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ގެންނަވަން ނިންމަވާފައިވާ ފުޅާ އިސްލާހުތަކެއްގެ ބައެކެވެ.
މި ލިޔުން ކިޔާލުމުން