ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިހާތަނަށް 26،000 އަށްވުރެ ގިނަ ވޭޕްގެ އާލާތްތަކާއި 14.5 މިލިއަން ސިނގިރޭޓު އަތުލައިގަނެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިހާރު ތަންފީޒުކުރަމުންދާ ޤާނޫނުގެ ދަށުން މި ތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޖެނެރޭޝަނަލް ބޭންގެ ދަށުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރެވޭނެއެވެ. މި ބަދަލު ގެނައުމަށް ޓަކައި ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅާފައެވެ.
"ދެން އަޅުގަނޑުމެން މިހާރު މި ތަންފީޒުކުރާ ޤާނޫނުގެ ތެރެއިން ނުވަތަ އިމްޕްލިމެންޓޭޝަންގެ ތެރެއިން މިހާތަނަށް 26000 ވޭޕް ނުވަތަ އޭގެ އާލާތްތައް ވަނީ ހިފެހެއްޓިފައި. 14.5 މިލިޔަން ސިނގިރޭޓު ވަނީ އަތުލައިގެނިވިފައި ޤާނޫނު ތަންފީޒުކުރަން ފެށި ފަހުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އައު އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ކުރެވޭނެއެވެ. މީގެ އިތުރުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް އަތުލުމުގެ ބާރު ފުލުހުންނަށާއި ކަސްޓަމްސްއަށް ލިބިގެންދާނެއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި، ހިލޭ ބެހުމާއި އަދި ބޭނުންކުރުން ވަނީ މަނާކުރެވިފައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި ލިޔުން ކިޔާލުމުން