Monday, November 2
މާލޭގައި 1360 ހައުސިން ޔުނިޓް އެޅުމަށް ނިންމައިފި

މާލޭގައި 1360 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިކަމަށާއި މި މަޝްރޫޢުގެ ދަށުން ސިނަމާލެއާއި މާލެހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގައި ހިމެނެނީ 4 ކޮޓަރި، 3 ކޮޓަރި އަދި 2 ކޮޓަރީގެ ޔުނިޓްތަކެވެ. "ފުރަތަމަ އަޅާނީ 2 ޓަވަރު. އެ ފްލެޓްތަކުން ފުރަތަމަ ފުރުޞަތު ދޭނީ މާލެހިޔާއާއި ސިނަމާލޭގައި ދިރިއުޅޭ 128 އާއިލާއަށް" ރައީސް ވިދާޅުވިއެވެ.

30 އަހަރަށްވުރެ ގިނަ ދުވަސްވެ، ބާވެ ހަލާކުވެފައިވާ ސިނަމާލެ އަދި މާލެހިޔާ ފްލެޓްތައް ތަޅާލުމަށްފަހު، އެ ސަރަހައްދުގައި އަލުން އިމާރާތްތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ބާކީ ހުރި ޔުނިޓްތައް ސަރުކާރުގެ އެހެނިހެން ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ދޫކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4200 ފްލެޓް އަދި ސައުދީ ސަރުކާރުގެ ލޯނު އެހީގެ ދަށުން 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ހިމެނެއެވެ. ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިމޭނެ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން، ކުރީގެ ސްކީމްތަކުން ފްލެޓް ލިބޭނެކަމަށް ބުނެ ފަހުން އުނިކުރެވުނު ފަރާތްތަކަށާއި، ހިޔާ މަޝްރޫޢުއިން އުނިކުރެވުނު ފަރާތްތަކަށްވެސް ފްލެޓް ދިނުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ 57 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، މި މަޝްރޫޢުތައް 3 އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އަމާޒުހިފާފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު