އެއްވެއުޅުމުގެ ޤާނޫނުން މަނާކުރާ ކަންކަން ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤާއި އެއްގޮތްވާ ގޮތުގެ މަތީން އަދި އެފަދަ އެއްވުންތަކުގައި ގިނަ ޒުވާނުންތަކެއް ބައިވެރިވުމަކީ އެ ކޮމިޝަނުން ބަލައިގަންނަ ކަމެއް ކަމަށެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ރައްޔިތުންނަށް ދީފައިވާއިރު ޙައްޤުގެ ބޭނުން ކުރުމުގައި އަނެެއް ބައެއްގެ ޙައްޤަށް އަރައިނުގަނެ ޙައްޤުތަަކަށް އިޙްތިރާމް ކުރުމަކީ މުޖްތަމަޢުގެ ހަމަޖެހުމަށް މުހިންމު ކަމެއް ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އަދި މިފަދަ އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާބިނގާވާ މިހުންނާއި އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް މަސައްކަތް ކުުރުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.
މީގެ އިތުރުން މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރު ކަމުން މަގުތަކުގައި އަޑުގަދަ ނުކޮށް އެއްވުންތަކުގައި ޚިޔާލުފާޅު ކުުރުމާއި އިމުގެ ތެރެއިން ކުރިއަށް ގެންދިއުމާއި އާންމު ޢިޖްތިމާޢީ މިންގަނޑާއި ޚިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.
އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށް ވެސް ފުލުހުންނަށް ގޮވާލާފައިވެ އެވެ.
މި ލިޔުން ކިޔާލުމުން