އާދިއްތަ, November 1
ޤާނޫނާއި އެއްގޮތަށް އެއްވުންތައް ބާއްވަން ފުލުހުން އެދެފި

ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން  އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އެ ޚިދުމަތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްގު އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރު ކުރުމުގައި އެ އިދާރާ ދެމިތިބޭނެ ކަމުގެ ޔަޤީންކަންދޭ ކަމަށެވެ.

ބައެއް ޒުވާނުން އިސްނަގައިގެން މާލޭގެ މަޖީދީމަގުގައި މިހާރު ކުރިއަށް ގެންދާ އިޙުތިޖާޖުގެ ސަބަބުން އެ މަގު ބަންދުވެ ޢާންމު ދަތުރުފަތުރުގެ ނިޒާމަށާއި މަގުތަކުގައި ހިނގާ އަދި ދުއްވާ އެއްޗެހީގައި ދަތުރުކުރާ މީހުންނަށާއި އިމާޖެންސީ ޚިދުމަތްތަކަށާއި ވިޔަފާރިތަކާއި ޖީސީއީ އޯލެވެލް އިމްތިޙާނުތަކަށް ތައްޔާރުވާ ދަރިވަރުންނަށް ވެސް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަން އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެެހެން ކަމުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުންތަކާއި ހިނގާލުންތައް ނުވަތަ މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުގެ މައްޗަށް އާންމު ރައްކާތެރިކަން ދެމެހެއްޓުމާއި އެހެން ފަރުދުންނަށް ލިބިދޭ މަގު ބޭނުންކުރުމާއި ދަތުރުފަތުރުކުރުމާއި އަދި އެކަންކަމާއި ގުޅިފައިވާ ޙައްޤުތަކަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ޙައްޤުތަކުގެ ބޭނުން ހިފުމަށް ވަނީ ގޮވާލާފަ އެވެ.

ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަނޑައަޅާ މިއަދު ވަނީ އާންމުކޮށްފައެވެ.

އަދި ޤާނޫނާއި ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމުގައި ޤާނޫނީ ބާރުގެ ބޭނުންކޮށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ގެ ބަޔާނުގައި ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު