Saturday, October 31
މަހްޒޫމާއި ޝިމަން މިނިވަން ކުރުމަށް ދަ ޑިމޮކްރެޓްސް އިންވެސް ގޮވާލައިފި

މާލޭގެ ގެއެއްގެ ފުރާޅު މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.

ޑެމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޒުވަނުން އިސްނަގައިގެން ސިލްސިލާކޮށް ބާއްވަމުން ގެންދާ ސުލްހަވެރި އެއްވުމުގެ ތެރެއަށް ރޭ ފުލުހުން ވަދެގަނެ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ޕެޕާސްޕްރޭ ޖަހައި މުޒާހަރާގެ ދެ ބައިވެރިން ކަމަށްވާ ޢާއިޝަތު ޝިމަން އަހްމަދާއި ޢަބްދުﷲ މަހްޒޫމް ހައްޔަރުކޮށްފައިވާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ. އަދި ޝިމަން އާއި މަހްޒޫމް ވަގުތުން މިނިވަންކުރުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.

"ސުލްހަވެރިކަމާއެކު އިޖުތިޖާޖު ކުރުމަކީ ޤާނޫނުއަސާސީން އެންމެހައި ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަން ފުލުހުންނަށް މި ވަގުތުގައިވެސް ހަނދާންކޮށްދެން"، ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޕާޓީން ބުނީ ޒުވާނުން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތަކަކީ އައުލާކަންބޮޑު ޖާއިޒު މުޒާހަރާތަކެއް ކަމަށާއި، ރާއްޖޭގެ ރައްޔިތުން ނުހަނު ކަންބޮޑުވެފައިވާ މައްސަލައެއް ކަމަށްވާ ޔުމްނު ވެއްޓި ޒަޚަމްވި މައްސަލައިގެ ތަޙުޤީޤާމެދު އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން، އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރަމުންގެންދާ މުޒާހަރާތަކެއް ކަމަށެވެ.

މީގެ އިތުރުން، އެހެން ރޭތަކެކޭވެސް އެއްފަދައިން މުޒާހަރާގެ ބައިވެރިން ސުލްހަވެރިކަމާއެކު ތިއްބައި، ފުލުހުން ވަނީ މުޒާހަރާއަށް ހުރަސް އަޅައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ކަމަށް ޑެމްސް އިން ބުންޏެވެ. އަދި ސުލްހަވެރި އިހުތިޖާޖުތަކަށް ފުލުހުން ހުރަސް ނޭޅުމަށާއި، ޚާއްޞަ ގޮތެއްގައި ޒުވާނުން މިހާރު ބާއްވަމުން ގެންދާ ސުލްހަވެރި އެ އިހުތިޖާޖުތަކަށް ހުރަސްނޭޅުމަށާއި، އިހުތިޖާޖުގެ ބައިވެރިން ހިފާ ހައްޔަރު ނުކުރުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.

"މި ޢަމަލު ހިންގި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މި ޕާޓީން ގޮވާލަން"، އެ ބަޔާން ނިންމާލަމުން ޑެމްސް އިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު