ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިޢާޔަތްކުރުމަށްފަހު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި މާލޭގެ މައި މަގު، މަޖީދީމަގުގައި ދުއްވާ އުޅަނދުފަހަރަށް އެ މަގު ބަންދުވާ ގޮތަށް ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާޖުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމުގެ ޝަކުވާތައް ފުލުހުންނަށް މެދުނުކެނޑި ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން، މި އިހުތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާ ގޮތަށް، މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިއުމާ އުޅިގެން، މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށް ވުމާއެކު، އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ޤާނޫނީ އިންޒާރު ދިނުމަށްފަހު، ރޭ ވަނީ އެ ހަރަކާތްތައް ހުއްޓުވައި، އެއްވުން ރޫޅާލާފައި ކަމަށެވެ.
"މި ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިޢާޔަތްކުރުމަށްފަހު"، އެ ބަޔާނުގައި ފުލުހުން ބުނެފައިވެއެވެ.
"ދުލެއް ނުކުރާނަން" ގެ ނަމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކައިރީގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފައެވެ. މި ޑިމާންޑުތަކުގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވާލުން ހިމެނެއެވެ. މިހާތަނަށް މި ޑިމާންޑުތަކުގެ ތެރެއިން ފުއްދާފައިވަނީ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއުގެ އިސްތިއުފާ އާއި ޔުމްނުގެ މައްެ މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމެވެ.
މުޒާހަރާކުރާ ފަރާތްތަކުން ވަނީ މި މައްސަލައިގައި ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުމަށާއި، ތުހުމަތުކުރެވޭ އެންމެން ހައްޔަރުކޮށް ދަޢުވާކުރުމަށް ގޮވާލާފައެވެ. އަދި ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ސާފުކޮށްދިނުމަށާއި، ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުމަށްވެސް ވަނީ އެދިފައެވެ. މީގެ އިތުރުން، ދޮގު މަޢުލޫމާތު ދިނުމާ ގުޅިގެން ފުލުހުން މަޢާފަށް އެދުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މައްސަލައިގައި އަވަސް ތަހުގީގެއް ކުރިއަށް ގެންދިއުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.
މި ލިޔުން ކިޔާލުމުން