Saturday, October 31
ފަލަސްތީނާ އެއްކޮޅަށް އައިސީޖޭގައި ރާއްޖެއިން ބަޔާން ދީފި

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ އާއި، އެހެނިހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، އެހެން ގައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން މިއަދު ބަޔާނެއް ދީފިއެވެ.

މި މައްސަލައަކީ އިސްރާއީލުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، އަންރުވާގެ މަސައްކަތްތައް ހުއްޓުވާލުމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމާ ގުޅިގެން، އދގެ އާންމު މަޖިލީހުގެ ގަރާރަކުން 19 ޑިސެންބަރު 2024 ގައި ހުށަހެޅުނު މައްސަލައެކެވެ.

އައިސީޖޭގައި މިއަދު ބޭއްވުނު އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވީ، "ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިރާއްޖެއިން ކެނޑިނޭޅި ވަކާލާތު ކުރާނެ" ކަމަށެވެ. އަދި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށް ގައުމީ ސަލާމަތާއި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދެއްކުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއްކަން ފާހަގަކުރެއްވިއެވެ.

އަދި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމުގައި ދިވެހިރާއްޖެއިން ތަކުރާރުކޮށް ފާހަގަކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު