އާދިއްތަ, November 8
ނޮން-ރެސިޑެންޓް ސަފީރު ޢަބްދުލްޣަފޫރު، ސަފީރުކަމުގެ ފަތްކޮޅު ކެނެޑާގެ ގަވަރުނަރު ޖެނެރަލަށް އަރުވައިފި

ދިވެހިރާއްޖެއިން ކެނެޑާއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ޢަބްދުލްޣަފޫރު މުޙައްމަދު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ކެނެޑާގެ ގަވަރުނަރު ޖެނެރަލް، ހާ އެކްސެލެންސީ ދަ ރައިޓް އޮނަރަބަލް މޭރީ ސައިމަން އަށް އަރުވައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ގަވަރުނަރު ޖެނެރަލާ ބައްދަލުކުރައްވައި ސަފީރު ޢަބްދުލްޣަފޫރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ކެނެޑާގެ ސަރުކާރަށާއި ރައްޔިތުންނަށް ސަލާމާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ. މީގެ އިތުރުން ރާއްޖެއާއި ކެނެޑާ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ސަފީރު ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ތައްޔާރުކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ބައްދަލުވުމުގައި ގަވަރުނަރު ޖެނެރަލް ވަނީ ސަފީރު އެ މަޤާމަށް ޢައްޔަންކުރެވުމާ ގުޅިގެން މަރުޙަބާ ދަންނަވައި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވައިފައެވެ. އަދި ދެފަރާތުގެ މަސްލަހަތު އޮންނަ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމަށް ކެނެޑާއިން ތައްޔާރަށް އޮތްކަން އެކަމަނާ ވަނީ ފާހަގަކުރައްވައިފައެވެ.

ކެނެޑާގެ އޮޓަވާއަށް ކުރައްވާ ދަތުރުފުޅުގައި ސަފީރު ޣަފޫރު ވަނީ ގްލޯބަލް އެފެއާޒް ކެނެޑާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ޢަބްދުލްޣަފޫރު ކެނެޑާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރައްވާފައިވަނީ 4 މާރިޗު 2025 ގައެވެ. އެމަނިކުފާނަކީ ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް މެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު