އެސްޓީއޯ ގެ މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ ހިސާބުތަކުން ދައްކައިފިއެވެ.
ކުންފުނީގެ 2024 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތިގައި ވަނީ 15.4 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައި 6 އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުމުން ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ. އެހެންނަމަވެސް، އެސްޓީއޯގެ އެހެނިހެން ވިޔަފާރިތައް ވަރުގަދަ މިސްރާބެއްގައި ދެމެހެއްޓިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.
އާމްދަނީ ދަށްވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ. ކުންފުނީގެ ހިންގުމުގެ ހަރަދުވަނީ 2024 ވަނަ އަހަރު އޭގެ ކުރީ އަހަރާއި އަޅާބަލައި 8 އިންސައްތަ ދަށްކުރެވިފައެވެ. އެހެންނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.
2024 ވަނަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 846 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 15 އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއިއެކު ޖުމްލަ ފައިދާ ދަށްވެފައި ވުމެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 741 މިލިއަން ރުފިޔާ ލިބިފައެވެ.
މި ލިޔުން ކިޔާލުމުން