ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ތިން ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު 2025 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މުއްދަތު އިތުރުކުރަން ނިންމީ، ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ، އެކަމަކީ ވަގުތު ނަގާ ކަމެއް ކަމަށްވެފައި، ގިނަ ފަރާތްތަކަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާތީއެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 2024 ވަނަ އަހަރުގެ ނޮވެންބަރު 8 ވަނަ ދުވަހުން ފެށިގެން ހުޅުވާލެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒުގެ ރިޔާސީ ވައުދެއްގެ ދަށުން، ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަޢާރަފުކުރި ޕްރޮގްރާމެކެވެ.
ސަރުކާރުން ވަނީ މި ސްކީމަށް ހުށަހެޅުމުގައި ޢާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއިދިނުމަށްޓަކައި އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުޞޫލަށް ބަދަލު ގެނެސްފައިވެއެވެ.
މި ސްކީމު ކުރިއަށް ގެންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެންނެވެ. މި ސްކީމުގެ ދަށުން ދޫކުރެވޭ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތައެވެ.
މި ލިޔުން ކިޔާލުމުން