Monday, November 2
ރިޔާސީ ކޮމިޝަނުގައި ޒުވާނުންގެ މަންދޫބެއް ހިމަނައިދިނުމަށް ޔުނިޓެޑް ޔޫތު އިން އެދިއްޖެ

މާލޭގައި މިދިޔަ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅުން ވެއްޓުނު އަންހެން ކުއްޖެއްގެ މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގައި ޒުވާނުންގެ މަންދޫބެއް ހިމެނުމަށް ދަ ޔުނައިޓެޑް ޔޫތު އޮފް ދަ ނޭޝަން އިން އެދިއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދެއްކުމުގައި، ދަ ޔުނައިޓެޑް ޔޫތު އޮފް ދަ ނޭޝަން އިން ބުނީ އެއީ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ގޭންގަކަށް ނިސްބަތްވާ ޖަމްޢިއްޔާއެއް ނޫން ކަމަށެވެ. "އަޅުގަނޑުމެންގެ މަގުސަދަކީ ޔުމްނާގެ އިތުރުން އިންސާފު ނުލިބި ތިބި އެންމެންނަށް އިންސާފު ހޯދައިދިނުން،" އެ ޖަމްޢިއްޔާއިން ބުންޏެވެ.

އެ ޖަމްޢިއްޔާއިން ވަނީ ކޮމިޝަނުގެ މަސައްކަތްތައް އޮބްޒާވްކުރުމުގެ ހުއްދަ އެ ޖަމްޢިއްޔާގެ މަންދޫބަކަށް ދިނުމަށް އެދިފައެވެ. މީގެ ކުރިން އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމާއެކު، މި ފަހަރުގެ ތަހުގީގު ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށް މިކަން މުހިންމުވާ ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރިއެވެ.

ޒުވާނުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކުރަމުން، އެ ޖަމްޢިއްޔާއިން ވަނީ ޒުވާނުންނަކީ ހަމައެކަނި އިންތިޚާބުގެ ވަގުތު ފެންނަ ބަޔަކަށް ނުހެދުމަށް ސިޔާސީ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.

މުޒާހަރާތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އެ ޖަމްޢިއްޔާއިން ވަނީ މަޢާފަށް އެދިފައެވެ. ނަމަވެސް ޒުވާނުން މިހާރު ތިބީ ގައުމުގައި ހިނގާ ކަންކަމަށް ފުރިހަމައަށް ހޭލުންތެރިވެ، އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް ތައްޔާރަށް ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު