Monday, November 2
"ހިރިނައިދޫ" ހދ. ނެއްލައިދޫގެ ބައެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި

ނެއްލައިދޫ ރައްޔިތުންނަށް އިޤްތިޞާދީ ނަފާ ހޯދޭނެ މަގު ފަހިކުރުމަށްޓަކައި، ހދ. ހިރިނައިދޫ އެ އަތޮޅު ނެއްލައިދޫގެ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

މި ނިންމެވުން ރައީސް ކަނޑައަޅުއްވާފައިވަނީ މިއަދު ނެރުއްވި ނަންބަރު 13/2025 ޤަރާރުގެ ދަށުންނެވެ. މި ނިންމެވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.

މި ޤަރާރުގެ ދަށުން، ހިރިނައިދޫގެ ނަން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަންވީ ގޮތް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލުގައި ހިމެނޭ ރަށްތަކުގެ ލިސްޓަށް ހިރިނައިދޫ ވަނީ އިތުރުކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، "ނެއްލައިދޫ ރައްޔިތުންނަށް އިޤްތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެ" ކަމުގެ އިޢުލާން ރައީސް ކުރެއްވީ މިދިޔަ ފެބުރުވަރީ 25 އިން 27 އަށް ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޤަރާރާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް، ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައެވެ. މި ނިންމެވުމަކީ ނެއްލައިދޫގެ ރައްޔިތުންގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ނިންމެވުމެއް ކަމުގައި ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު