Monday, November 2
ފުވައްމުލަކު ޑްރަގް ނެޓްވޯކް އެއްކޮށްހެން ނައްތާލެވިއްޖެކަމަށް ވަޒީރު އިޙްސާން ވިދާޅުވެއްޖެ

ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވަމުން އައި މަސްތުވާތަކެތީގެ ނެޓްވޯކް އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނާ ގުޅޭގޮތުން ބޭއްވި ފޯރަމެއްގައެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދެމަގަކުން މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މަސްތުވާތަކެއްޗަށް ހުރި ޑިމާންޑު ދަށްކުރުމަށާއި އެތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"ފުވައްމުލަކުގައި ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން ޑްރަގް މީހުންނަށް ދެމުންގެންދާ ތަންތަން އެއްކޮށް ހުއްޓުވައި އެކަންކަން ކުރަމުން އައި މީހުން ހިފާ ހައްޔަރުކޮށްފައިވާނެ،" ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރާއެކު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފަރުވާދެވޭ މަރުކަޒުތަކެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 1.2 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް މަނީ ލޯންޑަރިންގގެ ދަޢުވާތައް ކުރަމުންދާ ކަމަށާއި، ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު