ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން ޤަތަރު އެއާވޭސް އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝިއުރީއެވެ. އަދި ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް، ގްލޯބަލް ސޭލްސް، މެޓް ރައޯސް އެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނެއެވެ. ޤަތަރު އެއާވޭސްގެ ވިއުގައިގެ ތެރެއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށް، އެކި ގައުމުތަކުގައި ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު ޠާރިޤު ވިދާޅުވީ މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށާއި، ޤަތަރު އެއާވޭސް ފަދަ ބައިނަލްއަޤްވާމީ އެއަރލައިނަކާއެކު މިފަދަ ގުޅުމެއް ޤާއިމްކުރެވުމަކީ މާކެޓިންގ މަސައްކަތްތަކަށް ވަރަށް ބޮޑު ފުރުޞަތެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް އުއްމީދުކުރެވޭ ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު ޓޫރިސްޓް މަންޒިލުގެ ގޮތުގައި ދެމެހެއްޓުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ބެލެވޭ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން