ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާ ދެމެދު މީހުން ބިނާކުރުމުގެ ދާއިރާއިން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓު އެރުވުމަށް އައިއައިޔޫއެމްގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން، މީހުން ބިނާކުރުމުގެ ދާއިރާއިން މީހުން ތަމްރީން ކުރުމަށް ދެ ފަރާތުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ޗެއަރމަން އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އަދި އައިއައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ އުސްމާން ބަކަރެވެ.
މި ފަހުމުނާމާގެ ދަށުން ކުރިއަށް އޮތް ތަނުގައި ދެ ފަރާތުން ގުޅިގެން ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި، ވޯކްޝޮޕްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ޒަކާތުގެ ދާއިރާއިން ދިރާސާތައް ކުރުމަށާއި، އެކަޑަމިކް ދާއިރާއިން އެއްބާރުލުން ދިނުމަށްވެސް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ލިޔުން ކިޔާލުމުން