ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ، ނަޒާހާ ގުޅިގެން "ސަޢޫދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ގެ ނަމުގައި ބައިނަލްއަޤުވާމީ ފޯރަމެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 6 އަދި 7 ވަނަ ދުވަހުއެވެ.
މި ފޯރަމް އިންތިޒާމުކުރަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމެންޓް އެޖެންސީތަކުގެ ދެވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޤަރާރަކުން ނިންމެވި ނިންމުމަކާ އެއްގޮތަށެވެ. އޭސީސީން މަޢުލޫމާތު ދެއްވިގޮތުގައި މި ފޯރަމުގެ މައިގަނޑު މަޤްސަދަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކުރިއަރުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒަހަތްތެރި ސިނާޢަތަކަށް ހެދުމެވެ.
މި ފޯރަމުގައި އޯއައިސީގެ 40 އަށްވުރެ ގިނަ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކާއި، ފަތުރުވެރިކަމާބެހޭ އިދާރާތަކާއި، ބައިނަލްއަޤުވާމީ އިދާރާތައް ހިމެނޭހެން 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވާނެކަމަށް ބެލެވެއެވެ. ފޯރަމުގައި ކަމާބެހޭ އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތުތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރާނެއެވެ. އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.
މީގެ އިތުރުން މި ފޯރަމުގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މަތީ ފެންވަރުގެ ޕްލިނަރީއެއް ބޭއްވުމަށް ރޭވިފައިވާއިރު، މި ޕްލިނަރީގައި މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމާބެހޭ ދާއިރާގެ އިސްވެރިންނާއި ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާތަކުގެ އިސްވެރިން ވާހަކަފުޅު ދައްކަވާނެއެވެ.
މި ލިޔުން ކިޔާލުމުން