Monday, November 2
ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ބެހޭ ގޮތުން ސަންވޭގްރޫޕުން ޝައުގުވެރިކަން ފާޅުކޮށްފި

ރާއްޖެއަށް ޒިޔާރަތްކޮށް، އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ މަޢުލޫމާތު ހޯދުމުގެ ޝައުގުވެރިކަން މެލޭޝިއާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ސަންވޭ ގްރޫޕުން ފާޅުކޮށްފިއެވެ.

ސަންވޭ ގްރޫޕުން މިކަމުގެ ޝައުގުވެރިކަން ފާޅުކުރީ އެގްރޫޕުގެ ފައުންޑަރ އަދި ޗެއަރމަން ޑރ. ޖެފްރީ ޗެއާ އޭއޯ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ. މިބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީފާ އަދާކުރަމުން އިތުރު ތަމްރީނު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން މިފަދަ ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ފަތުރުވެރިކަމާއި ތަޢުލީމާއި ޞިއްޙީ ދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.

ޑރ. ޖެފްރީ ޗެއާ އޭއޯ ވަނީ ސަންވޭ ގްރޫޕްގެ އޮޕަރޭޝަންތަކާއި ތަޖުރިބާ ހުރި ދާއިރާތަކުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތަކާއި، ފޮރިން އިންވެސްޓަރުންނަށް ހުޅުވިފައިވާ ޚާއްޞަ ފުރުސަތުތަކާއި، ޓެކްސްގެ ސިޔާސަތާއި، ވިސާއާއިބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމުގައިމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތުގެ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު