Saturday, November 14
ޝަންގްރިލާ ރިސޯޓު އަލުން ހުޅުވުމާ ގުޅޭގޮތުން އެ ގްރޫޕާ މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީގައި އޮންނަ ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވުމާއި، އައްޑޫއަށް ދަތުރުފަތުރު ފަސޭހަކުރުމާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، ޝަންގްރިލާގެ ވައިސް ޕްރެޒިޑެންޓް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ސެމުއެލް ލިމް ޔޮންގް ޕެންގްއާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޝަންގްރިލާ ވިލިނގިލި އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ރިސޯޓް ހުޅުވުމާއެކު އައްޑޫއަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ސެމުއެލް ލިމް ޔޮންގް ޕެންގް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ގްރޫޕުން އުފަލާއެކު މި މަޝްރޫޢު ކުރިއަށްގެންދަން ބޭނުންވަނީ ސަރުކާރުގެ އެހީތެރިކަމާވެސް އެކުގައި ކަމަށާއި، އައްޑޫއަށް ދަތުރުފަތުރު ފަސޭހަވެގެން ދިއުމަކީ މި މަޝްރޫޢުގެ ކާމިޔާބަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް އިތުރު ބައިނަލްއަޤްވާމީ ފްލައިޓްތައް ގެނައުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ. މިކަމުގެ ސަބަބުން އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ސަރަޙައްދުގެ އިޤްތިޞާދަށް ފައިދާ ކުރާނެކަމަށް ދެފަރާތުންވެސް އުންމީދުކުރެއެވެ.

މި އެޕްރީލް މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ އައްޑޫ ޝަންގްރިލާ އަކީ އެ ސަރަހައްދުގެ އިޤުތިޞާދަށް ވަރަށް މުހިންމު ރިސޯޓެއް ކަމަށާއި، މިހާރު ކުރެވެމުންދަނީ ރިސޯޓު އޮޕަރޭޓްކުރުމަށް ހުރި ގޮންޖެހުންތައް ދެނަގަނެ، އެ ކަންތައްތައް ހައްލުކުރަން ސަރުކާރަށް އިތުރަށް ކޮށްދެވޭނެ ކަންތައްތަކަކީ ކޮބައިކަން ބަލައި، މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު