Saturday, October 31
ޖެނެރޭޝަނަލް ބޭން ގެންނަން ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

2007 ވަނަ އަހަރުން ގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަޤެވެ.

މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. ނަމަވެސް މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ. އެއާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މަނާކޮށްފައިވެ އެވެ.

މި އިސްލާހުގައި ސަރުކާރުގެ ފަރާތުން ވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތައްވެސް ހިމަނާފައެވެ. އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން ދުންފަތުގެ ބާވަތްތައް އުފައްދާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނެރޭޝަނަލް ބޭނެއް ގެނައުމަށް ނިންމާފައިވާއިރު ބިލު ފާސްވުމަށްފަހު އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. އެގޮތުން ބިލު ފާސްވުމަށްފަހު އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ނިންމެވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް ނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު