ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ އިމާރާތުގެ މިއުމާރިއްޔާތު ބައްލަވާލައްވައި، އެތަނާގުޅޭ މުހިންމުކަންކަން އޮޅުންފިލުއްވައިފައެވެ.
ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ވަޑައިގަތުމުން ރައީސަށް މަރުހަބާ ވިދާޅުވީ، މެލޭޝިއާ ޕެޓްރޯލިއަމް މެނޭޖްމަންޓް (އެމް.ޕީ.އެމް) ގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ހިޒް އެކްސެލެންސީ ބަޗޯ ޕިލޮންގްއެވެ. އެއަށްފަހު ސްކައިބްރިޖާއި އޮބްޒަވޭޝަން ޑެކްގެ ޓުއާއެއް ރައީސަށް ދެއްވައި، އެތަނާ ގުޅިފައިވާ އީޖާދީ މިއުމާރިއްޔާތާއި ޤައުމިއްޔަތުގެ ނަޒަރަކުން އެ ޓަވަރުތަކުގެ މުހިންމުކަމާ ބެހޭ ގޮތުންވެސް އެމަނިކުފާނާ މައުލޫމާތު ޙިއްޞާކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ މެލޭޝިއާގެ ސަގާފަތާއި ތަރިކައާއި ގުޅުންހުރި މިފަދަ މުހިންމު ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަކީވެސް ދެ ޤައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، ރައީސް މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުންވެސް ދެޤައުމުގެ މެދުގައި އޮތް ގާތް އަދި ދެމެހެއްޓެނިވި ގުޅުން ދައްކުވައިދޭ ކަމަށެވެ.
ރައީސް މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މަޤުޞަދަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަހިކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމެވެ.
މި ލިޔުން ކިޔާލުމުން