މި މަހުގެ 18 ވަނަ ދުވަހު މާލޭގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަޙުޤީޤުގައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ފުޓޭޖް ހުރީ ހަލާކުވެފައި ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މީޑިއާއަށް ވިދާޅުވި ގޮތުގައި، އެ ގޭގެ ސީސީޓީވީ ކެމެރާ ހަލާކުވެފައި ހުރި ކަމަށް ގޭގެ ވެރިފަރާތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި މިކަން ޔަގީންކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށްފަހު، ފުޓޭޖް ނެތްކަން ފުލުހުން ކަށަވަރުކޮށްފައިވާ ކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.
21 އަހަރުގެ ޔުމްނު ރަޝީދު، ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓުމުގެ ކުރިން، ޔުމްނުއާއެކު އެރޭ ހަރަކާތްތެރިވި މީހުން އުޅުނު ކަމަށް ފުލުހުން ބުނެފައިވަނީ މި ގޭގައެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، ޔުމްނުއާއި، މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ އިތުރުން، ހަތް މީހަކު، 17 ވަނަ ދުވަހުގެރޭ އެކީގައި ހަރަކާތްތެރިވެފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ގޮތުގައި، ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި ރައުދު މިނިސްޓަރު އަމީންގެ ގެއަށް ގޮސް "މަސްތު ޕާޓީ" އެއްގައި ބައިވެރިވިއެވެ. ނަމަވެސް މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސްކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައިވެއެވެ.
މި މައްސަލައިގައި ރައުދު ހައްޔަރުކޮށްފައިވާއިރު، "މަސްތުގެ ޕާޓީ" ގައި ބައިވެރިވި އެހެން މީހުން ހައްޔަރުކޮށްފައި ނުވާތީ ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން މާލޭގައި ޒުވާނުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މި މުޒާހަރާތަކުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި، ދާޚިލީ ވަޒީރު އަލީ އިހްސާންގެ އިތުރުން ވަޒީރު އަމީންގެ އިސްތިއުފާއަށް ޒުވާނުން އަންނަނީ ގޮވާލަމުންނެވެ.
ފުލުހުންގެ ތަޙުޤީޤު އަދިވެސް ދަނީ ކުރިއަށެވެ.
މި ލިޔުން ކިޔާލުމުން