Saturday, October 31
މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދައި ރަސްމީ ވަޒީފާއެއް އަދާކުރާ ބަޔަކަށް މިއަދު ވެއްޖެ: ވަޒީރު ޝިޔާމް
މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދައި ރަސްމީ ވަޒީފާއެއް އަދާކުރާ ބަޔަކަށް މިއަދު ވެއްޖެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއްް ކަމަށެވެ. މިގޮތުން ވަޒީރު ވަނީ ދައުލަތް ދަންނަ ބަޔަކަށް މަސްވެެރިން ހައްދަވާ މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާބައެއްގެ ގޮތުގައި ކަނޑައަޅުއްވާ ބޭންކުތަކާ ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރައްވާ އެހެން ފަރާތްތަކަށް ފަހިކޮށްދެވޭ ފުރުޞަތުތަކުން މަހުރޫމް ނުވާނެ ބައެއްގެ ގޮތުގައި މަސްވެރިން ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން މަސްވެރިންގެ ޤައުމީ ދަފްތަރު މެދުވެެރިކޮށް މަސްވެރިންނަށްވެސް އެ ފުރުޞަތުތައް ހަމަޖެހިގެން ދިއުމުން، މަސްވެެރި އާއިލާތަކަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވައިފައެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ މިކަން ހަޤީގަތަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންދެވީ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުން ކަމަށާއި، އެކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާ ކަމަށެވެ. "މި ފުރުޞަތުގައި ބީ.އެމް.އެލްގެ ސީއީއޯ ގެ ޕޮޒިޓިވް މައިންޑްސެޓާއެކު ބީއެމްއެލްގެ ހީވާގި ޓީމުން ކޮށްދެއްވި މަސައްކަތްޕުޅާއެކު މަސްވެރިންނަށް ލޯނުގެ ދޮރުތައް ހުޅުވާލަދޭ ފުރަތަމަ ބޭންކަކަށް ބީ.އެމް.އެލް ހެއްދެވީތީ ބޭންކުގެ ސީ.އީ.އޯ މުޙައްމަދު ޝަރީފަށާ ބޭންކުގެ ޓީމަށް ހިތުގެ އިޚްލާސްތެރި ޝުކުރުދަންނަވަން. ދަފްތަރު ފުރިހަމަކުރުމަށް މިނިސްޓްރީގެ ހީވާގިޓީމުތައް ސީދާ މަސްވެރި އަތޮޅުތަކަށް ދަތުރުކުރައްވާ ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކަށާއި ޚާއްޞަކޮށް މިކަމުގައި މަސްވެރިން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް ފަށްފަށުން އެފަރާތްތަކަށް ޝުކުރުދަންނަވަން"، ވަޒީރު ވިދާޅުވެފައިވެއެވެ. ވަޒީރު ވަނީ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާ މަސްވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ލޯނާއި، ކްރެޑިޓް ކާޑު ދޫކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީއާއި ބީއެމްއެލާ ދެމެދު ފަހުމުނާމާއެއްގައި ވަނީ މިއަދު ސޮއިކޮށްފައެވެ. ބީއެމްއެލްއިން ބުނީ، މިއެއްބަސްވުމުގެ ދަށުން މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބެލުމަށްފަހު މާލީ އެހީތެރިކަން ލިބޭނެކަމަށެވެ. އެގޮތުން ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުންފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ވާސިލުވުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އެބޭންކުން ވިދާޅުވިއެވެ. އަދި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އާއި ލުއި ލޯނަށް އެދި ހުށަހެޅޭނެއެވެ. ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ( ތިން ލައްކަ) ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިޢާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބީއެމްއެލްއިން ހަމަޖައްސައިދޭނެކަމަށް އެ ބޭންކުންވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު