Friday, November 13
ގުޅިފަޅު ގޯތި ރަޖިސްޓްރީ އަންނަ މަހު ހަވާލުކުރަނީ

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަ މަހު ހަވާލުކުރަން ފަށާނެކަމަށް މިިނިސްޓަރ އޮފް ހައުސިންގ، ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅިފަޅު ބޭނުންކުރަމުންދާތީ ގޯތި ހަވާލުކުރުމުގައި ލަސްތަކެއް އައިސްފައިވާ ކަމަށެވެ. ޕްލޭނަށް ބަދަލު ގެނެސް ވީިހާވެސް ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރަން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މޭ މަސް ތެރޭގައި އަޅުގަނޑުމެން ގުޅިފަޅުގެ ރަޖިސްޓްރީތައް އެ ފަރާތްތަކަށް އެ ގޯތި ކަނޑައެޅިގެން އެނގޭ ގޮތަށް ހަވާލުކުރަން ފަށާނަން،" މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ގުޅިފަޅުން 7 ސައިޒެއްގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގުޅިފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕެލޭނުގައި ސިނާޢީ މަސައްކަތްކުރާ ސަރަހައްދާއި މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދު 100 ފޫޓުގެ ދުރުމިންވެސް ނެތެވެ. އަދި ރައްޔިތުންނަށް ޢާންމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް މީހުން ދިރިއުޅޭ ސަރަހައްދާ ދުރުކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެކަށީގެންވާވަރަށް ކުޅިވަރު ކުޅޭނެ ތަންތަނާއި ޕާކުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިމަނާފައިނުވެއެވެ. މީގެ އިތުރުން ގްރީން ސްޕޭސްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ 8 އިންސައްތައެވެ.މިހާރު އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންގައި ބިމުގެ 21 އިންސައްތަ ކަނޑައަޅާފައިވަނީ ޕާކުތަކަށާއި ގްރީން ސްޕޭސްތަކަށެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ސްކޫލުތަކާއި ހުންނަނީ 10 މިނެޓުން ހިނގާފައިވާ ދެވޭވަރުގެ ދުރުމިނެކެވެ. އަދި މިސްކިތްތަކާ ދެމެދު ހުންނަނީ 5 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެއް ހުންނައިރު މި ލޭންޑް ޔޫސް ޕްލޭނުގައި މުޅި ގުޅީފަޅުގައި ވެހިކަލް ޕާކުކުރުމަށް 70،000 ޕާކިން ސަރަހައްދު ކަނޑައަޅާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު