މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު ހާދިސާ ހިނގިއިރު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ރާއްޖޭގައި ނެތްކަން ހާމަވެއްޖެއެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހިނގި މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ވަޒީރު އަމީނަށް އަމާޒުކޮށް ތުހުމަތުތަކެއް ކުރަމުންދާއިރު، ދައުލަތުގެމީޑިއާއަށް ލިބިފައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި ހާދިސާ ހިނގި ވަގުތު ވަޒީރު އަމީން ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
އައިކާއޯއިން އިންތިޒާމުކޮށްގެން ބޭއްވި މިއަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓްރީއަލް ސެގްމަންޓުގައި ބައިވެރިވެވަޑައިގަތުމަށް ޤަތަރުގެ ދޯހާގައި ހުންނެވި ވަޒީރު އަމީން، ހާދިސާ ހިނގި ވަގުތު ހުންނެވީ ރާއްޖެ އައުމުގެ މަގުމަތީގައި މަތިންދާ ބޯޓުގައިކަން ވަނީ ކަށަވަރުވެފައެވެ. ވަޒީރު އަމީން ރާއްޖެ ވަޑައިގެންނެވި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ 18 ވަނަ ދުވަހުގެ ހެނދުނު 08:50 ހާއިރުއެވެ.
ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އެ ދުވަހުގެ ހެނދުނު 7:23 ހާއިރުއެވެ. އަދި ފުލުހުން ހިއްސާކޮށްފައިވާ ސީސީޓީވީ ފުޓޭޖުތަކުން ދައްކާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ 18 ވަނަ ދުވަހުގެ ފަތިހު 4:00 އާއި 5:00 އާ ދެމެދުގެ ވަގުތެއްގައެވެ.
މި ހާދިސާއާ ގުޅިގެން ވަޒީރު އަމީން ވަނީ އެކްސްގައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، ވަޒީރަށް ހާދިސާގެ މަޢުލޫމާތު ލިބިވަޑައިގެންނެވީ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި ކަމަށާއި އެކި ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެ މައްސަލައިގައި އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށްވެސް ވަޒީރު އަމީން ވިދާޅުވިއެވެ.
މި ހާދިސާ ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައެވެ. މިއީ މިނިވަން، މުސްތަޤިއްލު އަދި އިތުބާރުހިފޭ ތަޙުޤީޤެއް ހިންގުމަށް އުފެއްދެވި ކޮމިޝަނެކެވެ.
ސަރުކާރުގެ އެހީތެރިކަމާއެކު، 21 އަހަރުގެ ހައްވާ ޔުމުނު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރުވާލެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކިޔާލުމުން