ޤުރުއާނުގެ ޢިލްމު ފެތުރުމަށް ފަށާފައިވާ މިސްކިތު ޤާރީ ކިލާސްތައް ހިންގުމަށް މިހާތަނަށް 34 ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ކިލާސްތައް މިހާރުވެސް ރާއްޖޭގެ 29 އަށްވުރެ ގިނަ ރަށުގެ މިސްކިތްތަކުގައި ކުރިއަށްދާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި ކިލާސްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ އަދަދު އިތުރުވަމުންދާ ކަމަށާއި، ގިނަ ފަރާތްތަކުން ކިލާސް ހިންގުމުގެ ހުއްދައަށް އެދެމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި، އިސްލާމް ދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރުން ހިމެނެއެވެ. މީގެ ތެރެއިން، ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވޭނެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވަޢުދެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ރަށްރަށުގައި ޤުރުއާން ކިޔަވައިދޭން ބޭނުންވާ އިމާމުން ގިނައެވެ. ނަމަވެސް، އެ އިމާމުންނަށް ދިމާވާ މައިގަނޑު ދަތިކަމަކީ ޤުރުއާން ކިޔަވައިދޭނެ ޖާގަ ނެތުމެވެ. މި ކިލާސްތަކަކީ އެ އިމާމުންނަށް ފުރުޞަތު ފަހިވެގެންދާނެ ކިލާސްތަކެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކުރީގެ އަހަރުތަކުގައި މާލެ އާއި ބައެއް ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ކިލާސްތައް ހިންގި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ ހިލޭ ކިލާސްތައް ހިންގިފައި ނުވާކަން ފާހަގަކުރެވެއެވެ. ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިބްރާހީމް ވިދާޅުވެފައިވަނީ ހިލޭ ކީރިތި ޤުރުއާން ކިޔެވޭނެ ކިލާސްތައް އިތުރުކުރައްވާއިރު، އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މިސްކިތްތަކުގައި ޤުރުއާން ކިލާސް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރޭގައި 23 ރަށަކާއި 3 ޖަމްޢިއްޔާއެއްގެ އިތުރުން މާލެ ސަރަޙައްދުގެ 5 މިސްކިތް ހިމެނެއެވެ. މީގެ ތެރެއިން ގިނަ ތަންތަނުގައި ކިލާސްތައް މިހާރު ވަނީ ފަށާފައެވެ.
މި ލިޔުން ކިޔާލުމުން