ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށް ކަމަށާއި، މިއަދުގެ ސަރުކާރަކީ ޢަދުލު އިންސާފު ޤާއިމްކުރާނޭ ސަރުކާރެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރީން ދެއްވި ބަސްދީގަތުމެއްގައި މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ޒުވާނުންގެ ހަޤީޤީ ކަންބޮޑުވުންތަކެއް ހުރިކަމަށާއި އެކަންކަން އަޑުއައްސަވައި، ޙައްލު ހޯއްދަވައިދެއްވައި، ރޫލް އޮފް ލޯ ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނޭ ކަމަށެވެ. އަދި، ހުރިހާ ހާލަތެއްގައިވެސް ޢަދުލު އިންސާފު ޤާޢިމްކުރައްވާނޭކަމަށާއި، ވަކި ފަރާތަކަށް ހިމާޔަތް ދިނުމަކީ މި ސަރުކާރުން ކުރާނޭ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ މިހާރު ޤައުމުގައި އުފެދިފައިވާ ސުވާލުތަކަކީ ޖަވާބުލިބެންޖެހޭ ސުވާލުތަކެއްކަމަށް ޤަބޫލުކުރައްވާކަމަށާއި، އެސުވާލުތަކަށް ޖަވާބު ހޯދުމަށް މިހާރު އެކުލަވާލައްވާފައިވާ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގުން އެސުވާލުތަކަށް ޖަވާބުލިބި، އަޅަންޖެހޭ ތަންފީޒީ ފިޔަވަޅުތައް އަޅުއްވާނޭކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވާ އެމަނިކުފާނު ވެވަޑައިގަތް ޢަދުލު އިންސާފުގެ ވަޢުދު ތަކުރާރުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއްކަމަށާއި، ޢަދުލު އިންސާފު ޤާއިމްޤާއިމްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށްކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ އިސް ޒިންމާއަކީ، ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކުރުންކަމަށާއި، އެކަމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުވާ ކަމަށެވެ.
އަދި، ޤައުމުގެ ޙައްޤުގައި އަޅުއްވަންޖެހިވަޑައިގެންނެވި ފިޔަވަޅުތައް މިހާރުވެސް ވާނީ އަޅުއްވާފައިކަމަށާއި، އެފިޔަވަޅުތަކަކީ ޤައުމުގެ ސަލާމަތާއި، އަމާންކަމާއި، ތަރައްޤީއަށްޓަކައި އަޅުއްވާފައިވާ ފިޔަވަޅުތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ފިޔަވަޅުތައް އަޅުއްވާފައިވަނީ، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިހާލަތުގައިވެސް އެފަދަ ފިޔަވަޅުތައް އަޅުއްވާނޭ ކަމަށެވެ.
މި ލިޔުން ކިޔާލުމުން