Friday, November 13
ޔުމްނުގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަންއަންގައިފި

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅަށް 21 އަހަރުގެ އަންހެންކުއްޖަކު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި އެއްވެސް ފުލުސް އޮފިސަރެއްގެ އިހުމާލެއް ނުވަތަ އިޖުރާއާތުތަކާ ހިލާފު އަމަލެއް އޮފިސަރަކު ހިންގިތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފުލުހުންގެ ހިދުމަތަށް އަންގައިފިއެވެ.

މިއަދު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން 24 އޭޕްރީލުގައި ފުލުހުންގެ ހިދުމަތަށް ޕީޖީ އޮފީހުން ހާއްސަ އިރުޝާދުތަކެއް ދީފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ފުލުހުންގެ ހިދުމަތަށް ދިން އިރުޝާދުތަކުގެ ތެރޭގައި، މި މައްސަލައާ ގުޅިގެން 24 އޭޕްރޯލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލާގައި އަނިޔާ ލިބުނު މީހާގެ ޒާތީ މައުލޫމާތާއި، އޭނާ ފެންނަ ފޮޓޯ ވީޑިޔޯ އާއްމުކޮށްފައިވާތީ އަނިޔާ ލިބުނު މީހާގެ އަބުރާއި ކާރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް މައުލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެހެން އަމަލުކުރުން ހިމެނެއެވެ.

ޖިނާއީ މައްސަލަތަކުގައި މައުލޫމާތު ހާމަކުރާއިރު ހަމަހަމަކަން ނުގެއްލޭނެހެން، ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް އުނިކަން ނުލިބޭނެ ގޮތަށް، ހާމަކަމާއެކު، ތަހުގީގަށް ހުރަސްނޭޅޭނެހެން އަދި އޮޅުންނާރާނެ ގޮތަށް މައުލޫމާތު ހާމަކުރުމަށް ޕީޖީ އޮފީހުން އިރުޝާދު ދީފައިވެއެވެ.

އަދި މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އެއްވެސް އޮފިސަރެއްގެ އިހުމާލެއް ނުވަތަ އިޖުރާއާތާ ހިލާފު އަމަލެއް ހިމެނޭކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްވެސް އަންގާފައިވެއެވެ.

އޭގެ އިތުރަށް މައްސަލައިގެ ތަހުގީގާމެދު އާއްމުންގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ޕީޖީ އޮފީހުން ހުޅުވާލާފައިވެއެވެ. އަދި އެ ޝަކުވާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައްވެސް ޕީޖީ އޮފީހުން އަޅާނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ޔުމްނު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި އެންމެ ފުރަތަމަ ފުލުހުން ބުނެފައިވަނީ އޭނާ ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެ މައްސަލާގައި އޭރު ބަޔަކު ހައްޔަރު ނުކުރަން ވެސް ފުލުހުން ނިންމި އެވެ.

ނަމަވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ފުލުހުން ފަހުން ވަނީ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފަ އެވެ. އަދި އެ ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު އުޅުނު އެހެން ބައެއް މީހުން ފުރުން މަނާކޮށް އަދި އެ މީހުންގެ ފޯނު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

މިރޭ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޝުޖާއު އިސްތިއުފާ ދެއްވިއިރު، މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަން ސިއްރުކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ތުހުމަުކޮށް  ޒުވާނުންތަކެއް ދަނީ ކޮންމެ ރެއަކު މަގުމައްޗަށް އެއްވެ އަޑު އުފުލަމުންނެވެ.

ކޮމިޝަނަރ  އޮފް ޕޮލިސް އަލީ ޝުޖާއު މިރޭ އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ  ހަވާލު ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު