Saturday, October 31
ސީޕީ ޝުޖާޢު މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ސީޕީ އިސްތިއުފާ ދެއްވަން ނިންމެވިކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންނަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށްވެސް ވަނީ އަންގަވައިފައެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

ސީޕީ އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، މި އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ސީޕީއަށާއި ފުލުހުންގެ މުއައްސަސާއަށް ވަނީ އާންމުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ގ. ރަނައުރާގެ، ޙައްވާ ޔުމްނު ރަޝީދު (21 އ) އާއި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަޙްމަދު ޛިލާލް ހިމެނޭހެން ޖުމުލަ ނުވަ މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ ޔުމްނު އާއެކު މއ. މާންދޫގޭ ދެކުނު ބައިގައި އުޅުނު އެންމެންގެ ވަނަވަރު އާންމުކޮށްފައެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައުދު އެކަންޏެވެ. އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު، ރައުދު ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދުނު ސަބަބުތަކުގެ ތެރޭގައި ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތާއި، މަސްތުގެ ހާލަތުގައި ހުރުން ހިމެނެއެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި ފުރުންވެސް މަނާކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ޢަމަލުކޮށްފައިވާ ގޮތާމެދު ނުރުހުން ފާޅުކޮށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ރޭވެސް މުޒާހަރާކޮށްފައެވެ. ޔުމްނު އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ. ޔުމްނުގެ ޢާއިލާއިން ބުނީ އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިއުމުގެ އިންތިޒާމު އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށާއި، ސްރީލަންކަން އެއާލައިންސްގެ ފްލައިޓުން މާދަމާ ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު